މާފަންނު ސަހަރާގައި ބެހެއްޓިފައިހުރި ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަން އަލުން އޮޕަރޭޝަނަށް ގެނެވިއްޖެ
މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުން، އިއްޔެ ވަނީ އާރް.ޑީ.ސީއާއި ސްޓެލްކޯގެ އެހީތެރިކަމާއެކު އަލުން ވަގުތީ ޙައްލެއް ގެނެވި އޮޕަރޭޝަނަށް ގެނެވިފައެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް މިކަމާއި ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރުމުގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޢަމަލުކޮށްފައިވާ ކަމަށެވެ. އަދި މާލޭގެ އުތުރު ހުޅަނގު ސަރަޙައްދަށް ޚިދުމަތް ދެމުން އައި ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަން ވަނީ މިނިސްޓްރީއަށް އެންގުމަކާއި ނުލައި ނަގަން މަސައްކަތްކުރުމުގެ ތެރޭގައި ގެއްލުންތަކެއްވެފައެވެ. މިކަމުގެ ސަބަބުން މިވޭތުވެދިޔަ ދުވަސްތަކުގައި އެސަރަޙައްދުގައި ބޮޑެތި ފެންބޮޑުވުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓްރީގެ ޓީމުން ޕަންޕް ސްޓޭޝަންތައް ގަވާއިދުން ބަލަމުންދާ ކަމަށާއި، އެލް.އެސް-10 ޕަންޕް ސްޓޭޝަން ވޭތުވެދިޔަ ހަފްތާގައިވެސް ރަނގަޅަށް މަސައްކަތްކުރަމުންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕަންޕިންގ ސްޓޭޝަން އެޅުމަށް އެ ސަރަޙައްދު ކޮނެ، އެތަނުން ނަގަންޖެހޭ ކަށިތައް ނަގާ ނިމިފައިވާތީ، އިތުރަށް އެ ސަރަޙައްދު ކޮނުމުގެ ބޭނުމެއް ނެތްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ޙާދިސާއާ ގުޅިގެން، ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރެވި ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ނެރުނު ނޫސް ބަޔާން ތިރީގައިވަނީ ހިއްސާކުރެވިފައެވެ.
