ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް އަންނަ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގދ. ފިޔޯރީ ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށެވެ.