logo
banner image

ޗައިނާ ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއިން އެކްސްޕޯރޓް ކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތަކުން ޑިއުޓީ މަޢާފް ވެގެންދާނެ!

ޗައިނާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތަކުން ޑިއުޓީ މާފު ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެއެވެ. ޗައިނާއަށް އެތެރެކުރެވޭނެ މަހުގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތައް ހިމެނެއެވެ. ޕްރޮސެސްކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކުގެ ތެރޭގައި ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ވެސް ހިމެނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އިގުތިސާދީ ނަފާ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އަގުއެއްކުރި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ޕްރޮސެސިން ފެސިލިޓީތައް ޤާއިމުކުރުމާއި މަސްވެރިން ބާނާ މަސް ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ. ޗައިނާ-ދިވެހިރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މަސްވެރިކަން ސިންދަފާތުކުރުމަށާއި މަހާއި މަހުގެ އުފެއްދުންތަކަށް ނަފާވެރި އަގެއް ލިބުމުގެ މަގުތައް ހުޅުވިގެން ދާނެއެވެ.

މި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ މި ފެށޭ 2025ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެނެވެ.