ކ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ އެވެ.
މި ނޮވެމްބަރު މަހުން ފެށިގެން ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް މި ވޭތުވެދިޔަ ތިން ދުވަހު އެއްވެސް ކެސްއެއް ފެނިފައި ނުވެއެވެ.
މިހާތަނަށް އެ ރަށުން ފެނިފައިވަނީ ފާނަބަސަންދުގެ 22 ކޭހެވެ.
ފާނަބަސަންދު ޖެހިގެން ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިން ނަމަަވެސް، އެ ދެމީހުން މިިހާރު ވަނީ ދޫކޮށްލާފައެވެ. އަދި މިވަގުތު ސީރިއަސް ވެގެން ފަރުވާދެމުންދާ މީހަކު ނެތެވެ.
ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހިމެނެއެވެ. މީގެ އިތުރުން އާއްމުންނާއި ، ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ޙަރަކާތްތައް އެ ރަށުގައި ކުރިއަށް ގެންދިޔައެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރެއެވެ.
ފާނަބަސަންދާއި ގުޅޭ ބައެއް މުހިންމު މައުލޫމާތު.
ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އަދި މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް، ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ. މި ބަލިޖެހުމުން ފެންނާނެ އާންމު އަލާމާތްތަކަކީ ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން، ހަމުގައި ބިހިތަކެއް ނެގުމެވެ. މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ، އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާގައި ފެންބިހިގޮތައް ހުންނަ ބިހި ނަގަންފަށައެވެ.
ފާނަ ބަސަންދު ފެތުރޭގޮތް:
ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރީޔާއިން.
ބަލި މީހާގެ ގައިގައި ބިހިނަގަން ފެށުމުން، އެމީހާގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތީގައި ބީހުމުން
ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކުގެގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެ
ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ މިބަލިޖެހިދާނެ މީހެއް. އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ.
ފާނަބަސަންދު ޖެހުމުން ރައްކާތެރި ވެވޭނީ ކިހިނެތް؟
ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުން
މިބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަފާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން
ފާނަބަސަންދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން
ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ( އަންނައުނު، ތުވާލި ކުޅޭ އެއްޗިހި ފަދަ ތަކެތި ) ވަކި ކުރުން
މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން މުހިންމު. މި ވެކްސިން އާއްމުގޮތެއްގައި ފާމަސީތަކުން ލިބެންހުންނާނެ.