ރ. އަލިފުށީގައި ތަޢުލީމީ ދާއިރާއަށް އައު ހަރުފަތެއް: ޓިވެޓް ސެންޓަރުގެ މަސައްކަތް ފަހު މަރުޙަލާގައި
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ޤާއިމުކޮށް، ރައްޔިތުންނާ ގާތުން މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ރ. އަލިފުށީގައި ޤާއިމުކުރާ ޓިވެޓް ސެންޓަރ (ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް) ޕްރޮޖެކްޓްގެ ގެ %89 މިހާރުވަނީ ނިމިފައެވެ.
ރ. އަލިފުށީގައި ޤާއިމުކުރާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ފުރިހަމަކުރެވި، ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މި ސެންޓަރުގައި، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ޓިވެޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން 360" - ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމަކާއި، ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓްބިލްޑިންގ، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ތަފާތު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެއެވެ.
ރ. އަލިފުށީގައި ޤާއިމުކުރެވެމުންދާ ޓިވެޓް ސެންޓަރުގެ އިންސްޓިޓިއުޓް ބްލޮކްގެ އިމާރާތްކުރުމުގެ މަސައްކަތުގެ %95 ވަނީ ނިމިފައެވެ. މި މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި، ވޯކްޝަޕްތަކަށް ބޭނުންވާ އެކިކަހަލަ މެޝިނަރީސް/ޓޫލްސް އަދި އެހެނިހެން ތަޢުލީމީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ރ. އަތޮޅަށާއި މުޅި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއަށްފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ލިބިގެންދާނެއެވެ. ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް މި ރަށުގައި ޤާއިމުވެ ތިބެގެން ތަޢުލީމް ހާޞިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެކަމަޑޭޝަން ބްލޮކެއްގެ މަސައްކަތްވެސް ކުރިއަށްދެއެވެ. މި ބްލޮކްގެ %80.14 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިންގުމަށް ޚާއްޞަ ރިކްރިއޭޝަން ބްލޮކެއްގެ މަސައްކަތްވެސް ކުރެވެމުންދެއެވެ. މި ބްލޮކްގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.