ފަތުވާ މަޖިލީހާއި އިސްލާމިކް ޔުނިވާސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ފަތުވާ މަޖިލީހުގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ ފަތުމާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމްއެވެ. އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
މި ފަހުމުނާމާއަކީ ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުގެ ބޭނުމުގައި ޢިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، ޢިލްމީ މަސައްކަތްތަކެއް ކުރުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވާލެވޭ ފަހުމުނާމާ އެކެވެ.
މި ފަހުމުނާމާގެ މަޤުޞަދަކީ، ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ދީނީ، ޢިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި ޢިލާމީ މަސައްކަތްތައް ކުރުމެވެ.
އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އާންމު ދާއިރާތައް:
1. ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމާއި؛
2. ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި، ޢިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި؛
3. ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުމާއި؛
4. ރާއްޖޭގެ މުޖުތަމަޢުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި؛
5. ޢިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި؛
6. ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި؛ އަދި
7. މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމުގެ މަޤުޞަދު ޙާޞިލު ކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.
މި ފަހުމުނާމާގެ ސަބަބުން ފަތުވާ މަޖިލީހަށާއި އިސްލާމިކް ޔުނިވާސިޓީއަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.