logo
banner image
ޞިއްޙީ ވުޒާރާ

"ހިންނަވަރު އަތުޖެހި" ވިއްކަމުންދަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލާއި ޚިލާފަށް- އެމްއެފްޑީއޭ

"ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްނުވާ ފަރާތަކަށްވާތީ މިތަކެތި ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީ) އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ ޕްރޮޑަކްޓަކީ 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު' (ނަންބަރު (MFDA- FCD GL 4-2024 ގެ ދަށުން އެއޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީ) އިން ބުނީ އެއުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މަޢުލޫމާތު 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް "ދަފްތަރު' ގެ ނަމުގައި މި އޮތޯރިޓީގެ 'ދިރިތި' ޕޯޓަލް https://dhirithi.egov.mv އާއި ވެބްސައިޓް https://mfda.gov.mv އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް https://health.gov.mv ގައި އަދާހަމަކޮށް ޝާއިޢު ކުރަމުންދާ ކަމަށެވެ.

އަދި އެޞޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން އެ އޮތޯރިޓީގެ ނަންބަރު 3014361/7603204 ފޯނަށް ގުޅާ ހިއްސާ ކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.