ފިޔޯރީ މަސްފެކްޓަރީގެ އަދާހަމަ މަޢުލޫމާތު ކައުންސިލާ ހިއްސާކޮށްފި
ގދ. ފިޔޯރީގައި އެޅުމަށް ހަމަޖެހިފައިވާ މަސްފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ފިޔޯރީ ކައުންސިލާ ހިއްސާކޮށްފައެވެ. މި މަޢުލޫމާތު ހިއްސާކުރެއްވީ އިއްޔެ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި މަސްފެކްޓަރީގެ ޑިޒައިން މިހާރު ވަނީ ނިމިފައެވެ. އަދި އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބައްދަލުވުމުގައި ފިޔޯރީ ކައުންސިލުން ވަނީ ދެ މުހިންމު ކަމަކަށް އެދިފައެވެ. އެގޮތުން، ފިޔޯރީގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށާއި، ރަށުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފިޔޯރީގައި އަޅަން ނިންމާފައިވަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނު ޕްރޮސެސް ކުރެވޭ މަސް ކާރުޚާނާއެކެވެ. މިއީ ދެކުނުގެ މަސްވެރިކަން އިތުރައް ތަރައްގީކޮށް މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލަށް އެޅުމަށް އިޢުލާނުކޮށްފައިވާ މަސް ފެކްޓަރީއެކެވެ.
ފިޔޯރީގެ މަސްފެކްޓަރީ އެޅުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޗައިނާގެ ޑޮންފަންގް ކުންފުނީގެ ޓެކްނިކަލް ބޭފުޅުން 27 ޖޫން 2024ގައި ވަނީ އެރަށަށް ގޮސްފައެވެ.
ގދ. ފިޔޯރީއާއި ފ. ނިލަންދޫ އަދި ޅ. ފެލިވަރުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ފެކްޓްރީގެ މަސައްކަތް ކުރުމަށް ޗައިނާގެ ޑޮންފަންގް ކުންފުންޏާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 14 އެޕްރީލް 2024ވަނަ ދުވަހު މަސްވެރި ވުޒާރާގައެވެ.