'ޖެންޑަރ ޑޭޓާ ޔޫސް ރިޕޯޓް 2024' މިއަދު އިފްތިތާޙުކޮށްފި
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕެރިސް21 ގުޅިގެން ދިވެހިރާއްޖޭގައި ޖެންޑަރ ސްޓެޓިސްޓިކްސް އެކުލަވާ ލެވޭ މިންވަރާއި ޖެންޑަރ ސްޓެޓިސްޓިކްސް އެކުލަވާލުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން 'ސިޔާސަތުތައް އެކުލަވާލުމުގައި ޖެންޑަރ ސްޓެޓިސްޓިކްސް ބޭނުން ކުރެވޭ މިންވަރު' ދެނެގަތުމުގެ ގޮތުން ދިރާސާއެއް ކުރެވި މިދިރާސާގެ ހޯދުންތަކާއި އެކު ‘ޖެންޑަރ ޑޭޓާ ޔޫސް ރިޕޯޓް 2024 ‘ މިއަދު އިފްތިތާޙުކޮށްފިއެވެ. ހަމަމިއާއި އެކު ‘ނެޝަނަލް ސްޓްރެޓްޖީ ފޮރ ޑިވަލޮޕްމަންޓް އޮފް ޖެންޑަރ ސްޓެޓިސްޓިކްސް އެކްޝަން ޕްލޭން 2025-2027’ ވެސް ލޯންޗް ކުރެވިގެން ދިޔައެވެ.
މިއަދުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސެކަންޑް ލޭޑީ އައިޝަތު އަފްރީން އާއި އެކު މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އައިޝަތު ޝިހާމް އާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ. ހައިދަރު އަޙްމަދެވެ. އޭގެ އިތުރުން، މި ހަފްލާގައި ޕެރިސް21 ގެ މަންދޫބުން ކަމަށްވާ ލިލިއާނާ ސުޗޮޑޮލްސްކާ (ޓީމް ލީޑް) އާއި މާގަރީޓާ ގުއެރެރޯ (ކޮންސަލްޓަންޓް) ވެސް ބައިވެރިވިވަޑައިގަތެވެ.
މިއީ ޤައުމީ ފެންވަރުގައި ކަންކަން ނިންމުމުގައްޔާއި ދިރާސާތައް ކުރިއަށް ގެންދިއުމުގައްޔާއި، މިންތިއާ މެދު މެދު ހޭލުންތެރިކަން އިތުރުކޮށް މިންތީގެ ޑޭޓާ ރަނގަޅު ގޮތުގައި ދޭހަވުން އިތުރުކުރުމުގެ ގޮތުން ކުރެވިގެން ދިޔަ މުހިންމު މަސައްކަތެކެވެ.
އަދި މީގެ ސަބަބުން ސިޔާސަތުތައް އެކުލަވާލާއިރު މިންތީގެ ޑޭޓާއިން ދައްކާ އެއްޗެއް ރަނގަޅަށް ދޭހަވެގެން ކަންކަން ނިންމުމަށް މަގުފަހިވެގެންދާނެއެވެ.
މި ދިރާސާގެ ހޯދުންތައް މައިގނޑު 3 ބައެއްގެ މައްޗަށް އެކުލަވާލެވިފައެވެއެވެ. އެއީ
- ޑޭޓާ އުފެއްދުމާއި ތަފާސްހިސާބު ލިބެންހުރި މިންވަރު
- ޑޭޓާ ހިއްސާ ކުރުމާއި ޑޭޓާ ޑިސެމިނޭޓްކުރުން
- ޕޮލިސީ އެކުލަވާލުމުގައި ޑޭޓާ ބޭނުންކުރެވޭ މިންވަރެވެ.
އަދި މިދިރާސާގައި ޖެންޑަރ ސްޓޭޓިސްޓިކްސް އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަންވެސް ވަނީ ހިމަނާފައެވެ.