ވަޒީރު އަޙްމަދު ޝިޔާމް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި
ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޒް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ ރައީސް އަދި މެންބަރުންންނާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ތ.ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އަދި ކަންބޮޑުވުންތައް ވަޒީރު އަޙްމަދު ޝިޔާމް އަރިހުގައި ޙިއްޞާކުރައްވާފައެވެ.
އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސަވައި ދެއްވުމަށް، ވުޒާރާގެ އެހީތެރިކަމަށް އެދިލެއްވިއެވެ. މީގެއިތުރުން ތ. ވޭމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމް ކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ކައުންސިލުން، ރަށުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށް ވަނީ އެދިވަޑައިގަތެވެ. ކައުންސިލުގެ ބޭފުޅުން އިތުރަށް ހުށަހެޅުއްވި ކަމުގެ ތެރޭގައި ތ. ފުނައްޑޫގެ ކާރުޚާނާގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކޮށް ދެއްވުމަށް ވަނީ އެދިލައްވާފައިއެވެ.
ވަޒީރު އަޙްމަދު ޝިޔާމް، ދެއްކެވި ވާހަކަފުޅުގައި ތ. ވޭމަންޑޫގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ވަޒީރު އަޙްމަދު ޝިޔާމް، މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ އާރް.އެސް.ޑަބްލިއު އެޅުމަށް އެސް.ޑީ.އެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލުއިލޯނާ ގުޅޭ މަޢުލޫމާތު ވަނީ ކައުންސިލުގެ ބޭފުޅުންނަށް ޙިއްޞާކުރެއްވިއެވެ.
އަދި ބައްދަލުވުން ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.