logo
banner image

ހއ. ދިއްދޫ ސަރުކާރުން ކުރިއަށްގެންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެ މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މަޝްރޫއެކެވެ.

ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 75 ހައުސިންޔުނިޓުގެ މަސައްކަތުގެ ތެރެއިން ހުރިހާ ހައުސިންޔުނިޓެއްގެ ރާނާ ސިމެންތިޖަހައި ހިޔާކުރުމުގެ މަސައްކަތްތައް ނިމިފައިވާއިރު، ސީލިންގު ކުރުމުގެ 24 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމައިފައެވެ. އަދި ޕުޓީ ލުމާއި ކުލަލުމުގެ 12 އިންސައްތަ، ދޮރު ހަރުކުރުމުގެ 13 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ. އެ ހައުސިން ޔުނިޓުތަކުގެ ކަރަންޓު ވައިރިންކުރުމުގެ 36 އިންސައްތަ ނިމިފައިވާއިރު ފެންވައިރު ކުރުމުގެ 24 އިންސައްތަ މަސައްކަތް ވަނީ ނިންމައިފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއުމުކުރާނެއެވެ.