ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމާބެހޭ ގޮތުން ޢާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގާ ޢާންމުން ހޭލުންތެރި ކުރުމެވެ. މި އަހަރު ހިތުގެ ދުވަހުގެ ޝިޢާރަކީ "USE HEART FOR ACTION" އެވެ. މި ޝިޢާރުގެ މަޤުޞަދަކީ މި ދުވަހާ ގުޅިގެން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތައް ޢަމަލީ ގޮތުން ބޭނުންކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ކަސްރަތު ކުރުމާއި ދުޅަހެޔޮ ކާނާ ކެއުން ހިމެނެއެވެ.
ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބައްޔެވެ. ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) އެވެ. ހިތުގެ ބަލީ ޖެހިގެން ކޮންމެއަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަން އިން ލަފާކުރެއެވެ. މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަސްޓްރޯކް އެވެ.
ރާއްޖޭގެ ހިތުގެ ބަލީގެ ޙާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2021 އަށް ރާއްޖޭގައި ހެދުނު "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020 -2021" އިން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ. އަދި %27.7މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުންނެވެ. މި ދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހެދުނު އެސެސްމެންޓުން (ކާޑިއޯ ވެސްކިއުލަރ ޑިޒީޒް ރިސްކް ≥%20) އިން ދައްކާ ގޮތުން 40 އަހަރާއި 69 އަހަރާ ދެމެދުގެ ޢުމުރު ފުރައިގެ %2.3 (%3 ފިރިހެނުން %1.4 އަންހެނުން) ނަކީ 10 އަހަރު ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ. އަދި %7.7 މީހުން (%7.5 ފިރިހެނުން، %7.9 އަންހެނުން) ނަކީ %10-20 އަށް ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުންނެވެ. މީގެ އިތުރުންވެސް (ހިތުގެ ބަލީގެ ހިރާސް %) އިން ދައްކާގޮތުން މި ބަލި ޖެހުމުގެ ފުރުޞަތު އޮތް %61.8 މީހުން (%50.4 ފިރިހެނުން، %82.7 އަންހެނުން) ނަށް ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންގ ބޭނުން ވެއެވެ.
ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި އަދި ބަލިޖެހޭ މީހާގެ ޢާއިލާ ތަކަށާއި މުޖުތަމަޢަށް ވެސް އަސަރު ކުރެއެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވެއެވެ. އެހެންކަމުން ހިތުގެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށްޓަކައި ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީންސް ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުން ހިމެނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށްޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ.
ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެވެ. ކަސްރަތު ކުރުމުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅު ކޮށްދީ، ފަލަވުމާއި ލޭމައްޗަށްދިއުން ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވެ، ދުޅަހެޔޮ ޞިއްޙަތެއްގައިހިތް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ވަންދެން ހިނގާލުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ އާދައިގެ އެރޮބިކް ކަސްރަތުތައް ކުރުމަށް އަމާޒު ހިފާށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެވެ. ސަބަބަކީ ދުންފަތަކީ ހިތުގެ ބަލިތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބު ކަމުގައި ވާތީއެވެ. ދުންފަތުގެ ސަބަބުން ހިތުގެ ލޭނާރުތައް ހަލާކުވެ،ލޭގެ ޕްރެޝަރު މަތިވެ، ހުންނަންޖެހޭ ކޮލެސްޓްރޯލް ލެވެލް ދަށްވެގެން ދެއެވެ. ހަމަ އެއާއެކު، ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ހިތުގެ ބަލިތަކުންނާއި އަދި އެހެނިހެން ބަލިތަކުންވެސް ރައްކާތެރިވެ ހުރުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.
މީގެ އިތުރުން ނަފުސާނީ ޞިއްޙަތާ މެދު ސަމާލުވެ، ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ބަލި ޖެހުމުން، ޤަވާޢިދުން ކާންޖެހޭ ބޭސްތައް ކެއުން ފަދަ ކަންތައްތައް ހިމެނެއެވެ. ވޯލްޑް ހާރޓް ފެޑެރޭޝަންގެ ދިރާސާތަކުން ދައްކާގޮތުން މިގޮތަށް ދިރިއުޅުން ބައްޓަން ކުރުމުން ހިތުގެ ބަލީގައި މަރުވާ އަދި ނުކުޅެދުންތެރިކަން ދިމާވާ މީހުންގެ އިންސައްތަ މަދުވެގެން ދާނެއެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސް ތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު އިތުރު ވެފައިވެއެވެ. މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. މިހުރިހާ ކަންތައްތަކަށް ސަމާލު ވެވިއްޖެނަމަ، ހިތުގެ ބައްޔަށް ހުރި ނުރައްކާތައް ފާހަގަކުރެވި، ދުރާލާ އަޅަންވީ ފިޔަވަޅުތައް ދެނެގަނެވި، ދުޅަހެޔޮ ޞިއްޙަތެއް ބައްޓަން ކުރުމަށްޓަކައި މަސައްކަތްކުރަންވީ ގޮތްތަކެއް އެކަށައެޅުމަށް ފަސޭހަ ވެގެން ދާނެއެވެ.
ހިތުގެބަލީގެ ނުރައްކަލުން ސަލާމަތް ވުމަށް ސަމާލުކަންދޭންވީ ކަންތައްތައް
• ޞިއްޙީ ގޮތުން ރައްކާވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން.
• އާދަވެ ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން.
• ލޭގެ ޕްރެޝަރު ދެނެގަތުން.(ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. އަދި ނޭނގި ހުއްޓާ ފުރާނަ ދިއުމަށް (ކުއްލި މަރު) މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަށް ވެގެންދެއެވެ. ޤަވާޢިދުން ލޭގެ ޕްރެޝަރު ނުބަލާ ކަމުގައިވާނަމަ މިކަމުގެ އެއްވެސް ޢަލާމާތެއް ނުފެނި ހުއްޓާ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.)
• ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު.
• ޤަވާޢިދުން ބަރުދަން ހުންނަވަރު ބަލައި، އިސްކޮޅާއި އެކަށީގެންވާ މިންވަރަށް ބަރުދަން ހުރިތޯ ބެލުން.