logo
banner image

"ސީޖީއެފް ބައްދަލުވުމާއިއެކު ދިވެހި ކުޅިވަރަށް އިތުރު ފުރުސަތުތައް ހުޅުވޭނެ"

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ އޯޝޭނިއާ އަދި އޭޝިއާ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރާއްޖޭގެ ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

އޭޝިއާ އަދި އޯޝޭނިއާ ދެ ބައްރުގެ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުޅިވަރުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ، މި ބއްދަލުވުމަކީ މީހާތަނަށް ރާއްޖޭގ ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މިއީ އޭޝިއާގައި ވެސް މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރާ ގުޅުންހުރި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމައް މަގުފަހިވާނެ ކަމެއް ކަމުގަ އެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުންތަކަކީ އެކި ޤައުމުތަކުގެ ކުޅިވަރު ކުރިއެރުވުމަށް ޕޮލިސީ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ބައްދަލުވުންތަކެއްކަމަށެވެ. އެހެންކަމުން މިފަދަ ކޮންމެ ފުރުސަތަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުޅިވަރަށް ފުރުސަތުތައް މަގުފަހިވާނެކަމެއްކަމަށެވެ.

"މީގެ ހައެއްކަ މަސް ކުރިންވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ފޯކަސް ކުރާނީ ހަމައެކަނި ކުޅިވަރު އިވެންޓުތައް އެކަންޏެއް ނޫނޭ. ކުޅިވަރާ ގުޅުން ހުރި މީޓިންތައް ވެސް ބާއްވާނަމޭ. އެކަން ވެގެން ދިޔަ ތަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ވަރަށް ގިނައިން މަގުފަހިވެގެން ދާނެ" ރާފިއު ވިދާޅުވިއެވެ.