logo
banner image

ކުލަބު މޯލްޑިވްސް ކްލެސިކްގެ ޗެމްޕިއަންކަން ކުޅިވަރު ވުޒާރާ އިން ހޯދައިފި

ކުލަބު މޯލްޑިވްސް ކްލެސިކް ބައިގެ ޗެމްޕިއަންކަން ކުޅިވަރު ވުޒާރާ ކުލަބުން ހޯދައިފި އެވެ.

32 ޓީމާއިއެކު ކުރިއަށްދިޔަ ފޯރިގަދަ ކްލެސިކް ބައިގެ ޗެމްޕިއަންކަން ކުޅިވަރު ވުޒާރާ ކުލަބުން ހޯދީ ފައިނަލުގައި އެމްއެމްއޭ ސޯޝަލް ކުލަބު ބަލިކޮށްގެންނެވެ. މިއީ ކުލަބު މޯލްޑިވްސްގައި ކުޅިވަރު ވުޒާރާ ކުލަބުން ވާދަކުރި ފުރަތަމަ އަހަރެވެ.

ފައިނަލް މެޗު 8-0ގެ ބޮޑު ތަފާތަކުން ކުޅިވަރު ވުޒާރާއިން ކާމިޔާބުކުރިއިރު، ފައިނަލުގައި އެ ޓީމްގެ ސާޖިދު އަހުމަދު އިބްރާހިމް ވަނީ ހަތަރު ގޯލު ޖަހާފަ އެވެ. އަނެއް ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ނާއިފް ޝަފީގް އެވެ. ފަހު ގޯލު ޖެހީ އާދިލް އަބްދުއްރަހުމާން އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޅިވަރު ވުޒާރާ ކުލަބުގެ ސާޖިދު އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދީ މުބާރާތުގައި 17 ގޯލު ޖެހި ކުޅިވަރު ވުޒާރާ ކުލަބުގެ ނާއިފް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ނާއިފް އާއި ސާޖިދު ހިމެނެ އެވެ. ނާއިފް އާއި ސާޖިދުގެ އިތުރުން ޑްރީމް ޓީމުގައި ހިމެނެނީ، އެމްއެމްއޭގެ މުހައްމަދު ނާއިފް، ޓީމު ބަަދަހިގެ އާސިފް ހަނީފް އަދި ކްލަބް 220 ގެ ގޯލްކީޕަރު، މުހައްމަދު މިއުރާޝް އަފްރާހު އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނީ ކުޅިވަރު ވުޒާރާ ކުލަބުގެ ކޯޗު ހުސެއިން ޖަލީލް އެވެ.