logo
banner image

ނިއުކްލިއަރ ހަތިޔާރު ނައްތާލުމާ ގުޅޭ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ބަޔާން މިނިސްޓަރ ޠާރިޤް އިބްރާހީމް އިއްވައިފި

ނިއުކްލިއަރ ހަތިޔާރު މުޅިން ނައްތާލުމާ ގުޅޭ ގޮތުން ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ބަޔާން އިއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

މި ބައްދަލުވުމަކީ އދ. ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. މިނިސްޓަރ ޠާރިޤް އިއްވި ބަޔާނުގައި، ދުނިޔޭގެ ސުލްޙަ ޤާއިމްކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ސުލްޙައާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް," މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ގޮވާލާ ޤައުމެއްކަން ފާހަގަކޮށް، މި މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން މުހިންމުކަން ވެސް ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ވެރިންނާއި މަންދޫބުން ވެސް ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަމާއި، އެ ހަތިޔާރު ނައްތާލުމުގެ މުހިންމުކަން ފާހަގަކުރިއެވެ.