logo
banner image

ކޮޕް 29 އަށް މަގު ދައްކާ ޙަރަކާތެއްގައި އޯސިސް ތަމްސީލުކުރައްވައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފި

ކޮޕް 29 އަށް މަގު ދައްކާ ޙަރަކާތެއްގައި އޯސިސް ތަމްސީލުކުރައްވައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފި

އދ. ގެ މިއަހަރުގެ ޢާންމު މަޖިލީހުގައި ބޭއްވުނު "ރޯޑް ޓު ކޮޕް 29: އޭ މަލްޓިލެޓަރަލް އެޕްރޯޗް ޓު ކްލައިމެޓް އެޑަޕްޓޭޝަން" މި ނަމުގައި ބޭއްވުނު ޙަރަކާތެއްގައި ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު (އޯސިސް) ތަމްސީލުކުރައްވައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.

މި ޙަރަކާތަކީ މިއަހަރުގެ ފަހުކޮޅު އަޒަރުބައިޖާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 29 އަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުން އިންތިޒާމުކޮށްގެން ބޭއްވި ޙަރަކާތެކެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް އެ ޙަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މުހިންމުކަމާއި، އެކަމަށް ބޭނުންވާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ކޮޕް 29 ގައި މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހޭނުމުގެ ދުނިޔޭގެ ލަނޑުދަނޑިއާއި ޤައުމީ ހޭނުމުގެ ޕްލޭންތަކާ ގުޅޭގޮތުން ކުރިއެރުން ހޯދުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަމުގައި ކުރިއެރުން ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަރަކާތުގައި ބައިވެރިވެ ވަޑައިގަތުމުން، މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މައްސަލަތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އިއްވައި، އެ ޤައުމުތަކުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ކޮޕް 29 ގައި މި މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.