logo
banner image

މޯލްޑިވްސް އޯޕަން ގަވަރންމަންޓް ޕާޓްނަރޝިޕްގައި ބައިވެރިވެއްޖެ

އޯޕަން ގަވަރންމަންޓް ޕާޓްނަރޝިޕް (އޯޖީޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި ލީޑަރސް ރައުންޑްޓޭބަލްގައި، މޯލްޑިވްސް އޯޖީޕީގައި ބައިވެރިވެއްޖެކަން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް ވަނީ އިއުލާނުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ދިވެހިރާއްޖެއިން ވަނީ އޯޖީޕީގެ އުސޫލުތަކާ އެއްގޮތަށް ޤައުމީ އިސްކަންދޭ ކަންތައްތައް ބައްޓަންކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އޯޖީޕީގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ހާމަކަން ބޮޑުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޯޖީޕީއަކީ ސަރުކާރުތަކުގެ ހާމަކަން އިތުރުކޮށް، ކޮރަޕްޝަން މަދުކޮށް، އަދި ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އިނީޝިއެޓިވްއެކެވެ. މި ޖަމްޢިއްޔާގައި ބައިވެރިވުމުން ދިވެހިރާއްޖެއަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބުން ހިމެނެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި އިޢުލާނާއެކު، ދިވެހިރާއްޖެ ވަނީ ސަރުކާރުގެ ހާމަކަން އިތުރުކުރުމަށާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މި ކަމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.