logo
banner image
ޞިއްޙީ ވުޒާރާ

‎ އޭ.ޕީއާރު.އެފް.ޕީ އާރު.އެފް.އީ ގެ 5 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވަޑައިގެންފި

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތު އެންޑް އެންވަޔަރަންމަންޓްގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުން ފަށައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ޑެލިގޭޝަންގައި އިސްކޮށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލްއެވެ.

މި ފޯރަމްގެ މަގުސަދަކީ ސިއްހަތާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ ދެމެދު އޮންނަ މުހިންމު ގުޅުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން އެއްބާރުލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސިން މެކޭނިޒަމްތަކެއް ޤާއިމްކޮށް  އޮނިގަނޑެއް އެކުލަވާލުމެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޚާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ  ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވަނީ ޓްރާންސްބައުންޑަރީ ޕޮލިއުޝަން ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމަމާއި ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ.ޖަކާޓާ ޑިކްލެރޭޝަން އޮން ކޯޕަރޭޝަން އިން ހެލްތު އެންޑް އެންވަޔަރަންމަންޓަށް ރާއްޖެއިން ތާއީދުކޮށް، މެމްބަރު ގައުމުތަކަށާއި ޑޯނަރުންނަށް އެ ޑިކްލެރޭޝަން ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ ފުރިހަމަ މެމްބަރަކަށް ވުމުގެ މަސައްކަތް ރާއްޖެއިން ވަނީ ފަށާފައެވެ.

މިނިސްޓަރ އިންޑޮނޭޝިއާގެ ދަތުރުގައި ޖަކާޓާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވަޑައިގަތެވެ. އެގޮތުން ޕްރައިމަރީ ކެއާ ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތްދޭ ’’ޓެބެޓް ކޮމިއުނިޓީ ހެލްތް ސެންޓަރ" އަށް ވަޑައިގެން އެ ސެންޓަރުގެ އެކި ޑިޕާޓްމަންޓްތަކަށް މިނިސްޓަރު ވަޑައިަތެވެ. އަދި ކޮމިއުނިޓީ ސާވިސްއަށް ބޭނުންވާ އާ ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.

މީގެ އިތުރުން އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލަށް މިނިސްޓަރ ޒިޔާރަތް ކުރެއްވިއެވެ. އެތަނުގައި ޑިޖިޓަލް ހެލްތާއި، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާއާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތާއި ގުޅޭގޮތުން ހޮސްޕިޓަލް މެނޭޖްމަންޓާއެކު މަޝްވަރާތަކެއް ކުރެއްވިއެވެ.

މިނިސްޓަރ މި ފޯރަމްގައި ބައިވެރިވަޑައިގަތުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.