logo
banner image

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ފަހުމުނާމާއަކީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންނެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ދިވެހި ރައްޔިތުން ތަޢުލީމީ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށާއި އެކަން ބަލައިގަންނަކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިކަންކަމުގައި ވުޒާރާގެ ފަރާތުން ދެވެން ހުރި އެއްބާރުލުމެއް ކުރިއަށް އޮތްތަނުގައިވެސް ދެމުން ގެންދާނެކަމަށާއި، ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމަށްވެސް ވުޒާރާއިން މަސައްކަތްކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު ވިދާޅުވީ، މި ފަހުމުނާގެ ސަބަބުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި ޢިލްމުވެރިންނަށް އާ ދޮރުތަކެއް ހުޅުވި، މުޖްތަމަޢަށް އެހީތެރިންކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ.