logo
banner image

އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް އިތުރުކުރަން ކުރާ މަސައްކަތްތައް ފާހަގަކުރައްވައިފި

ޕެނަލް ޑިސްކަޝަންގެ އިތުރުން މި އިވެންޓުގައި އިޔާދަކުރަނިވި ހަކަތަޔަށް ފުރިހަމައަށް ވާސިލްވުމަށް ރާއްޖެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތާ ބެހޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފަ އެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިސްބަތް 33 ޕަސެންޓަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކުރިއެރުންތަކާއި އެކަމުގައި ހުރި ގޮންޖެހުންތައް، އ.ދ.ގެ 79 ވަނަ އާންމު ޖަލްސާގެ ހަވާސާގައި ބޭއްވި ސައިޑް އިވެންޓްގައި ރާއްޖޭގެ ފަރާތުން ފާހަކަ ކޮށްފި އެވެ.

އިވެންޓް އިންތިޒާމް ކޮށްފައި ވަނީ ރާއްޖޭގެ ފަރާތުން އެންވަޔަރަމެންޓް މިނިސްޓްރީ އެވެ. މިއީ "ރިނިއުވަބަލް އެނާޖީ ޓްރާންޒިޝަން ފޯ ރެޒިލިއަންޓް ސިޑްސް: ދަ މޯލްޑިވްސް ސްޓޯރީ"ގެ ނަމުގައި ބޭއްވި ސައިޑް އިވެންޓެކެވެ.

މި ސައިޑް އިވެންޓް އިއްޔެ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިންވެސްޓުކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ތަފާތު ފުރުސަތުތައް ހުރިކަން ވަނީ ފާހަގަކުރައްވާފަ އެވެ.

މި އިވެންޓްގައި ރައީސް ވަނީ ކީނޯޓް ސްޕީޗެއް ދެއްވާފަ އެވެ. ރައީސް ދެއްވި ކީނޯޓް އެޑްރެސްގައި އެމަނިކުފާނު ވަނީ، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން ހުރި މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަދި ސްޕެޝަލް އިކޮނޮމިކް ޒޯންސް އެކްޓްގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، 2024 ގެ ކުރީކޮޅުގައި މި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ހިންގަން ނިންމާފައިވާ ފްލޯޓިން ސޯލާ ޕެނަލް މަޝްރޫއު ފާހަގަކުރައްވައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ސާފު ހަކަތަ އުފެއްދުމަށް ހުރި ޕޮޓެންޝަލް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.

މި ސައިޑް އިވެންޓުގައި އ.ދ.ގެ ޑިޕާޓްމަންޓް އޮފް އެކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑެސާ) ގެ ޓީމް ލީޑަރު (ސަސްޓެއިނަބްލް އެނާޖީ) ޑރ. މިނޯރޫ ޓަކާޑާ މޮޑަރޭޓްކުރެއްވި ހައި-ލެވެލް ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ތޯރިގުގެ އިތުރުން، އިންޓަނޭޝަނަލް ރިނުވަބްލް އެނާޖީ އޭޖެންސީ (އައިރީނާ) ގެ ޑިރެކްޓާ ޖެނެރަލް ފްރާންޗެސްކޯ ލާ ކަމެރާއާއި، ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ފޯ އިންފްރާސްޓްރަކްޗާ ގުއަންޖޭ ޗެންއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ވައިސް ޕްރެޒިޑެންޓް ފޯ ސެކްޓާ އެންޑް ތީމްސް ފާތިމާ ޔާސްމީނާއި، ޔޫއެންޑީޕީގެ އެސިސްޓަންޓް ސެކްރެޓަރީ-ޖެނެރަލް އަދި އޭޝިއާ އާއި ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރު ކައްނީ ވިގްނަރާޖާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓާ ކެޕިޓަލް އާއި ފަންނުވެރިކަން ލިބިގަންނާނެ ގޮތުގެ މައްޗަށެވެ. ޕެނަލް ޑިސްކަޝަންގެ އިތުރުން މި އިވެންޓުގައި އިޔާދަކުރަނިވި ހަކަތަޔަށް ފުރިހަމައަށް ވާސިލްވުމަށް ރާއްޖެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތާ ބެހޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފަ އެވެ.