logo
banner image

ފަސް މިލިއަން ގަސް ޕްރޮގުރާމަށް ޕާކިސްތާނުން އެހީވެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފި

އެ ބައްދަލުވުމުގައި ރައީސް މުއިއްޒުވަނީ ކޮޕް-28 ސަމިޓުގައި އެމަނިކުފާނު އިއުލާނު ކުރެއްވި ފަސް މިލިއަން ގަސް ޕްރޮގުރާމު ހިންގުމުގައި ޕާކިސްތާނާއި ރާއްޖެއަށް ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ފަސް މިލިއަން ގަސް ޕްރޮގުރާމު ހިންގުމުގައި ރާއްޖެއަށް ޕާކިސްތާނުން އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އެ ގައުމުގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގެ ހަވާސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްއާ ރައީސް ބައްދަލު ކުރެއްވުމުން ދެ ގައުމުގެ މެދުގައި އޮތް އުހުއްވަތްތެރި ގުޅުން އިތުރަށް ވަރުގަދަަވެގެން ދިޔަކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ހިއްސާކުރަނިވި އަގުކުރުންތަކާއި ދެ ގައުމުން ގަބޫލުކުރާ މަސްލަހަތުތަކުގެ އެއްގޮތްކަން ދެ ލީޑަރުންވެސް ފާހަގަކުރައްވާފައިވާކަމަށް އެ އޮފީހުން ޝާއިއުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ދެ ލީޑަރުންވަނީ ދެ ގައުމަށް ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ވިޔަފާރިއާއި ތައުލީމާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި އެވެ.

ހަމައެހެންމެ ރާއްޖެއާއި ޕާކިސްތާނުގެ މެދުގައި ސީދާ ދަތުރުކުރާ ފުލައިޓުތައް އިތުރުކުރުމާ ގުޅޭ ގޮތުން ރައީސާއި ބޮޑުވަޒީރުވަނީ މަޝްވަރާކުރައްވާފަ އެވެ.

ބޮޑުވަޒީރު ޝެހްބާޒުވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވައި ތާރީފުކުރެއްވުމާއެކު، ޕާކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ތަޖުރިބާ ބޭނުންކުރެވިދާނެ ގޮތްތަކާމެދު މަޝްވަަރާކުރައްވާފަ އެވެ.

މޫސުމީ ބަދަލުތަކާއި އެބަދަލުތަކަށް ހޭނުމަށް ގެންގުޅޭ އިސްތިރާޖިއްޔާތަކާމެދު ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ. އަދި އެ ގޮންޖެހުންތަކާ ކުރިމަތިލެއްވުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެއްވުމާއެކު އދގެ އާންމު މަޖިލީހުގައި ދެ ބޭފުޅުން ދެއްވާ ބަަޔާންތަކުގައި އެ ގޮންޖެހުންތައް ފާހަގަކުރުމަށް ދެ ބޭފުޅުންވެސްވަަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހިތްވަރުދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒުވަނީ ކޮޕް-28 ސަމިޓުގައި އެމަނިކުފާނު އިއުލާނު ކުރެއްވި ފަސް މިލިއަން ގަސް ޕްރޮގުރާމަށް އަލިއަޅުވައިލައްވއި އެ ޕްރޮގުރާމު ހިންގުމުގައި ޕާކިސްތާނާއި ރާއްޖެއަށް ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

އެ ބައްދަލުވުން ނިންމަވައިލެއްވީ ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކުރެއްވުމަށާއި، ދެ ގައުމުން ކަންބޮޑުވުން ހިއްސާކުރާ ކަންކަމުގައި އިސްތިރާޖީ ގޮތުން އެކުގައި އިތުރަށް މަަސައްކަތްކުރެއްވުމަށް ދެ ލީޑަރުންމެ އެއްބަސްވެވަޑައިގަންނަވަމުންނެވެ.