logo
banner image

ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާ ގުޅޭ ރިޕޯޓެއް ނެރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

މިނިސްޓަރ އޮފް ސްޓޭޓް ޑރ. މުއާވިޔަތު މުޙައްމަދު ވަނީ މިއަދު ބޭއްވުނު "އެމްޕަވަރިންގ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް: ސްކޭލިންގ އަޕް ރިނިއުވަބަލް އެނަރޖީ ފޯ ރެސިލިއަންޓް އިކޮނޮމިކް ގްރޯތް" ރިޕޯޓް ނެރުމުގެ ވާރޗުއަލް ރަސްމިއްޔާތުގައި ފަށައިދިނުމުގެ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތަކީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ބާރުއެޅުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ފަށައިދިނުމުގެ ވާހަކަ ދެއްކެވުމަކީ، މި ދާއިރާގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ލިބިގެންދާނެ ކަމެކެވެ.

ޑރ. މުއާވިޔަތުގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމުރުމުގެ މުހިންމުކަމާއި، އެކަމުން ލިބިގެންދާނެ އިޤްތިޞާދި އަދި ތިމާވެށީގެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ރިޕޯޓުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަންވެސް ފާހަގަކުރެވެއެވެ.