logo
banner image

ރައީސްގެ ތަޤުރީރުގައި ފަލަސްޠީނުގެ ދިފާޢުގައި އެތައް ވާހަކަފުޅެއް!

ރައީސުލްޖުމްޙޫރިއްޔާ އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ދެއްވި ތަޤުރީރުގައި ފަލަސްޠީނުގެ ދިފާޢުގައި މުހިއްމު ވާހަކަފުޅުތަކެއް ދައްކަވައިިފިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޔަހޫދިން ހިންގަމުންދާ ނިރުބަވެރި ޢަމަލުތަކެއްކަމަށް އެމަނިކުފާނުގެ ތަޤުރީގުގައި ވިދާޅުވިއިރު، ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު ހަރުކަށި އިބާރާތުންވަނީ ކުށްވެރި ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޔަހޫދީން ސްކޫލްތަކާއި، އިންސީނީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމަލާދީ އެތައް ހާހުން މީހުން މަރަމުންދާއިރު، އެކަން ނުހުއްޓުވިފައިވާކަމަށާއި އެކަމުގެ ސަބަބުން އެ ޖަރީމާތައް މިހާރު ލުބްނާނާއި ހަމައަށް ފުޅާވެފައިވާކަމަށާއި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތައް ފޮރުވުމަށް ފަލަސްޠީނާއި ލުބްނާނުގެ ނޫސްވެރިން މަރަމުންދާކަމަށާއި ޔަހޫދީ ދަޢުލަތް މި ނިރުބަވެރި ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްކޮށް އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްޠީނަށް ލިބޭކަން ޔަޤީން ކުރަން ޖެހޭކަމަށާއި ފަލަސްޠީނުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ރައީސް ޑރ. މުޢިއްޒު އަންނަނީ ފަލަސްޠީނުގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމްތަކުގައި ފަލަސްޠީނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމުތަކުގައި ދަނީ އެކަމަށް އަޑުހަރުކޮށް ވަކާލާތުކޮށްފައެވެ.