logo
banner image

ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއަކީ ނަމޫނާ ވުޒާރާއެއް: ސީއެސްސީގެ ރައީސް

ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއަކީ ނަމޫނާ ވުޒާރާއެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިހް ވިދާޅުވެއްޖެއެވެ. ސީއެސްސީގެ ރައީސް މިހެން ވިދާޅުވީ ސިޓީސް މިނިސްޓްރީއަށް ޕާރމަނަންޓް ސެކްރެޓަރީ އައްޔަންކުރުމަށް އިއްޔެ ސިޓީސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިތުރު ތަފްޞީލު ދެއްވަމުން ނާސިހް ވިދާޅުވީ، ވަޒީރު އާދަމް ޝަރީފު ޢުމަރަކީ ނަމޫނާ ވަޒީރެއް ކަމަށާ، ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާ ބެހޭ ގޮތުން މިހާތަނަށް ލިބިފައި ވަނީ ވަރަށް ރަނގަޅު މެސެޖުތައް ކަމަށެވެ. އަދި ޕާރމަނަންޓް ސެކްރެޓަރީން އައްޔަންކުރި ދެ ފަހަރު ވެސް ވަޒީރު ކަންތައް ކުރައްވާފައި ވަނީ އެހެން ހުރިހައި މުއައްސަސާތަކާ ތަފާތުކޮށް ލިސްޓުގެ 1 ވަނައަށް އިސްކަންދެއްވައިގެން ކަމަށް ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.

ސިޓީސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީއަށް އައްޔަންކުރެއްވި ޑޮކްޓަރ ފާޠިމަތު މުނާއަށް މަޤާމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް މުޙައްމަދު ނާސިހް ދެއްކެވި ވާހަކަފުޅުގައި ސިޓީސް މިނިސްޓްރީއަކީ ކުރައްވާ ކޮންމެ ކަމެއްގައި ވެސް ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ މިނިސްޓްރީއެއް ކަމަށް ވިދާޅުވެ އެހެން ފަރާތްތަކުގައި ސިޓީސް މިނިސްޓްރީގެ ވާހަކަ ދެއްކެމުގެ އިޒުނައަށް ވެސް ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުންނާއި ސިޓީސް މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.