logo
banner image

ޓްރޭޑިއަން - ދިވެހިރާއްޖޭގެ ވިޔަފާރި ދާއިރާގައި އައު ފަސޭހަތަކެއް

މި މަމަހު 3 ގައި "ޓްރޭޑިއަން" ގެ ނަމުގައި ތަޢާރަފުކުރެވުނު ޕްލެޓްފޯމަކީ ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކުރާ ވިޔަފާރިތަކަށް ފަސޭހަކުރުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ. އެގޮތުން ޓްރޭޑިއަންގެ އެންމެ މުހިންމު އެއް ސިފައަކީ، ވިޔަފާރިއާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބި ފަސޭހަކާއެކު މުޢާމަލާތް ކުރެވެނެ ނިޒާމަކަށް ވުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކި ތަންތަނަށް ދުވެ އުޅުމުގެ ބަދަލުގައި، އެއް ތަނަކުން އެ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެއެވެ. މިއީ ވަގުތާއި ހަކަތަ ސަލާމަތްވެގެންދާނެ ކަމެކެވެ.

ޓްރޭޑިއަންގެ އަނެއް މުހިންމު ސިފައަކީ، 10 ބޯޑަރު ހުރަސްކުރާ އިދާރާތަކުގެ 8 ނިޒާމު އެއްކޮށްލާފައިވާ ވުމެވެ. މި ޕްލެޓްފޯމުގެ ޒަރީޢާއިން ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ފޯރުކޮށްދޭ ފަރާތްތަކަށް ވިޔަފާރިއާއި ދަތުރުފަތުރާ ގުޅޭ ޤާނޫނީ ލިޔެކިޔުންތައް އިލެކްޓްރޯނިކް ވަސީލަތްތަކުން، އެއް މަރުކަޒަކުން ހުށަހެޅުމުގެ ފުރުޞަތު ލިބިގިބިގެންދާނެއެވެ. މި މަރުކަޒު ގުޅިފައިވާނީ ވިޔަފާރިއާއި ދަތުރުފަތުރާ ގުޅުންހުރި ހުރިހާ އިދާރާތަކަކާއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެކި އިދާރާތަކަށް ވަކިވަކިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެއްފަހަރާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޓްރޭޑިއަން ފުރިހަމަގޮތުގައި ބޭނުންކުރަން 1 ނޮވެމްބަރުގައި ފެށޭނެކަމަށް ވަނީ އިޢުލާނުކޮށްފައެވެ. މި ތާރީޚުން ފެށިގެން ޓްރޭޑިއަންއަކީ ވިޔަފާރިއާ ގުޅޭ ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ބޭނުންކުރެވޭނެ މަގު ކަމުގައި ވެގެންދާނެއެވެ. މި ނިޒާމަށް ވިޔަފާރިވެރިން އަހުލުވެރިކުރުވުމަށްޓަކައި ޓްރޭޑްނެޓުން އަމިއްލަ އަދި ސަރުކާރުގެ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި، ވިޔަފާރީގެ ޚިދުމަތްތައް ވަނީ 12 މުއައްސަސާއަކަށް ބަހާލެވިފައެވެ. އޭގެތެރޭގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް މެދުވެރިކޮށް އުޅަނދު ރަޖިސްޓްރީކުރުމާއި، އުޅަނދުފަހަރު ބަނދަރުކުރެވޭ ވަގުތުތައް އަދި ކަނޑުމަގުން އަންނަ މުދަލުގެ މެނިފެސްޓް ފަދަ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން، ދިފާއި ވުޒާރާ މެދުވެރިކޮށް ކެމިކަލް، ފްލެއަރ އަދި ޕަޓާސް އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާ އިން އޫރުމަހާއި ބަނގުރާ އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރާއިރު، ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން އިމާރާތްކުރުމުގެ ތަކެތި އިމްޕޯޓް ކުރުމުގެ ހުއްދަ ދޫކުރާނެއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް މެދުވެރިކޮށް އުޅަނދު ރަޖިސްޓްރީކުރުމާއި، މުދަލުގެ ތަފާތު އަދި ގޭޓުން ނުކުތުމުގެ ޚިދުމަތްތައް ލިބޭނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ވުޒާރާ އިން ޑިއުޓީ މަޢާފުކުރުމުގެ ޚިދުމަތް ދޭއިރު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، މޯލްޑިވްސް އިމިގްރޭޝަން، ޕޯޓް ހެލްތު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އުޅަނދުގެ ޑިކްލަރޭޝަންއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. އަދި އަމިއްލަ ދާއިރާއަށް އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރ (އީޑީއޯ) ގެ ޚިދުމަތްވެސް ލިބޭނެއެވެ. މި ޚިދުމަތްތައް ތަޢާރަފުކުރުމުން، ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބި، ވިޔަފާރިތަކަށް ފަސޭހަވެގެންދާނެއެވެ.

މި ޚިދުމަތުގެ ދެވަނަ ފިޔަވަހި ފެށުނީ އޯގަސްޓުގެ ފަހުކޮޅު ނަމަވެސް ޓްރޭޑިއަންގެ މުޅި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ 2025 ގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިންނެވެ. މި ފިޔަވަހީގައި 19 ސަރުކާރު އިދާރާއާއި 17 އައި.ސީ.ޓީ ސިސްޓަމް މި ޕްލެޓްފޯމާ ގުޅުވާލެވޭނެއެވެ. މީގެ ސަބަބުން ޑަބްލިޔު.ޓީ.އޯ އެއްބަސްވުމާ އެއްގޮތަށް ޑިޖިޓަލް ވިޔަފާރި މާޙައުލެއް އުފެދިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނުވައިދޭނެ ކަމެކެވެ.