logo
banner image

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ އަދާހަމަ ބެލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މުއައްސަސާތަކާއި، ވުޒާރާތަކާ ބައްދަލުކުރަން ފަށައިފި

ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަ ބެލުމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މުއައްސަސަތަކާއި، ވުޒާރާތަކާ ބައްދަލުކުރަން ފަށައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕްލޭނިން ޑިޕާޓުމެންޓުން ކުރިއަށްގެންދާ އެ ބައްދަލުވުންތައް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގައެވެ.

އެ ބައްދަލުވުންތަކުގައި ބަލާނީ އެ ވުޒާރާއަކުން ނުވަތަ އެ މުއައްސަސާއަކުން ކުރިއައްގެންދާ ޕަބްލިކް ސެކްޓާ އިވެންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ތަކުގެ މައުލޫމާތުތަކަށެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ބުނާގޮތުގައި އެ ބައްދަލުވުންތަކުގެ ބޭނުމަކީ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް އެ މުއްސަސާއަކަށް ނުވަތަ އެ ވުޒާރާއަށް ކުރިމަތިވާ ދަތިތައް ދެނެގަނެ އެ ދަތިތައް ފިލުވައިދިނުމަށް އެހީތެރިވެދިނުންކަމަށެވެ. އެ ބައްދަލުވުންތަކުގައި ޕީއެސްއައިޕީ ވަކިވަކި މަޝްރޫއުތައް ކުރިއަށް ގޮސްފައިވާ މިންވަރު ދެނެގަނެ އެ މަޝްރޫއުތަކަށް ކޮށްފައިވާ ހޭދަތައް ވެސް ބަލާނެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ލަސްވިޔަ ނުދީ އަވަހަށް ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށް އެ ބައްދަލުވުންތަކުގައި މަޝްރޫއުތައް ލަސްވާނަމަ އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ބަދަލުކުރެވިފައި ވެސް ވެއެވެ. މީގެއިތުރުން އެ އިދާރާއަކުން ކުރިއަށް ރޭވިފައިވާ މަޝްރޫއުތައް ވެސް އޮޅުންފިލުވާ އެ މަޝްރޫއުތައް ފެށުމަށް ކުރާ މަސައްކަތްތައް ވެސް ބައްދަލުވުންތަކުގައި ދެނެގަނެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަދާހަމަ ދެނެގަތުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާތަނަށް ވަނީ 10 އިދާރާއާ ބައްދަލުކުރައްވާފައެވެ.