logo
banner image

ފޮރިން އިންވެސްޓަމަންޓުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ 'ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު' ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ. މި ޤާނޫނަކީ ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލު ހަރުދަނާކޮށް، ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، އިންވެސްޓްމަންޓްތައް މެދުވެރިކޮށް ފޮރިން ކެޕިޓަލާއި، ޓެކޮނޮލޮޖީއާއި. ޢިލްމާއި ހުނަރު ގެނައުމަށް ފަހި މާޙައުލެއް އުފައްދައި، ދިވެހިރާއްޖޭގެ ތަރައްޤީ ކުރުމަށްޓަކައި ތަސްދީޤު ކުރެވުނު ޤާނޫނެކެވެ.

މިއީ ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) 1 މެއި 1979 ގައި ފާސްކުރިތާ 45 އަހަރަށްފަހު ފުރަތަމަ ފަހަރަށް މި ޤާނޫނީ އޮނިގަނޑަށް ޒަމާނީ އަދި ފުރިހަމަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ. މި ގާނޫނު ތަސްދީޤު ކުރެވުނުތާ ތިން މަސް ފަހުން އަމަލު ކުރަން ފަށާއިރު، ރާއްޖޭގައި ދިގުމުއްދަތުގެ ވިޔަފާރީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް މި ޤާނޫނު ހިނގާނެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުންދިޔަ ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނު އުވިގެންދާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓުގެ ހުއްދައެއްގެ ދަށުން ޤާއިމްކޮށް ހިންގަމުންދާ ފޮރިން އިންވެސްޓްމަންޓްތަކަކީ ވެސް މި ޤާނޫނުގެ ދަށުން ހުއްދަލިބިގެން ހިންގާ އިންވެސްޓްމަންޓްތަކެއް ކަމުގައި ބެލެވިގެންދާނެއެވެ.

މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން މި ނިޒާމު ހިންގުމަށް ބާރުއެޅުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ވަކި ޝަރުޠުތަކަކާއެކު ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރި ހިންގުމަށް ހުއްދަދެވޭ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް މި ޤާނޫނުގެ ދަށުން ޝާއިޢު ކުރެވިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގައި ދިގު މުއްދަތެއްގައި ވިޔަފާރި ޙަރަކާތެއް ހިންގާ ބިދޭސީ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ފެށުމުގެ ކުރިން ޤާނޫނުގައި ލާޒިމްކުރާ ފޮރިން އިންވެސްޓްމަންޓް ލައިސަންސް ހޯދުންވެސް ލާޒިމްވެގެންދާނެއެވެ.

މި ގާނުގައި މިނިސްޓްރީން ނުވަތަ ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމަކާމެދު އިންވެސްޓަރުން ޝަކުވާއެއް ހުށަހަޅާނެ ގޮތާއި، އެފަދަ ޝަކުވާއެއް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މި އިސްލާހަކީ ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލުގައި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމާއި ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، މި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭން ބައިވެރިވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އިންވެސްޓްމެންޓާގުޅޭ އެއްބަސްވުންތައް ތަންފީޛްކުރާނެ ނިޒާމެއް ޤާއިމްކުރެވި، އެ އެއްބަސްވުންތަކަށް ޤާނޫނީ ބަލަދުވެރިކަން ވަނީ ލިބިދީފައެވެ. މިކަމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި އިންވެސްޓްމެންޓާގުޅޭ އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ ފަރާތްތަކުގެ ޝައުޤުވެރިކަން އިތުރުކޮށްދޭނެ ފިޔަވަޅެކެވެ.

ޒަމާނީ ފޮރިން އިންވެސްޓްމެންޓް ޤާނޫނެއް ވުޖޫދަށް އައުމަކީ ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް އިތުރުކުރުމަށް މަގުފަހިވެ، އިޤްޠިޞާދީ ތަރައްޤީ އަދި އިޤްޠިޞާދު ސިންދަފާތުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅަކެވެ. މިކަމުގެ ސަބަބުން ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އިތުރުވެ، ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް ވާދަވެރި އަދި ރައްކާތެރި އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ އިތުރަށް ފުޅާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.