logo
banner image

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭން ރެޒިޑެންސީ ދޭން ނިންމައިފި

ރާއްޖެއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅޭނެ ތަންތަން ގަނެވޭނެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުބުމުގައި ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ، ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެގެންދާނެއެވެ. އަދި މިއީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމު އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓުކުރުމަށް ޚާއްޞަ ފަރާތަކާއެކު މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. ސަރުކާރުން ކަނޑައަޅާ ސަރަޙައްދުތަކުގައި ރެޒިޑެންސީ ތަރައްޤީކުރެވޭނެ ކަމަށާއި، މިހާރުވެސް ބައެއް ރިސޯޓުތަކުގައި މިފަދަ އުސޫލުން ތަންތަން ދޫކުރެވޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިކަމުގެ ތަޖުރިބާހުރި ދުނިޔޭގެ ނަން މަޝްހޫރު ކުންފުއްޏަކާއި އެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިޕްރޮގްރާމް ފަރުމާ ކުރެވިގެންދާނީ ބޭރުގެ ފަންނީ ފަރާތްތަކުގެ ލަފާގެ މަތިން ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށް ކަމުގައެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ޕްރޮގްރާމުތައް ޚާއްޞަ ކުންފުނިތައް މެދުވެރިކޮށް ޕްރޮމޯޓުކުރެވޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.