logo
banner image

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއެކު ޢިޤްތިޞާދީ ވުޒާރާއިން މުހިންމު ބައްދަލުވުމެއް ބާއްވައިފި

ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާއާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގައި އެހީތެރިވެދިނުމާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގައި އެހީތެރިވުން، ފުޑް ސެކިއުރިޓީ، ޑިޖިޓަލައިޒޭޝަން އަދި ޚިދުމަތްތައް ޑިޖިޓަލް ޒަރީއާއިން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ތަރައްޤީގެ ދާއިރާތަކުން ރިސާރޗް ހެދުމާއި، ހިއުމަން ރިސޯސް ކެޕޭސިޓީ އިތުރުކުރުން، އަދި ފައިނޭންސިންގ ދާއިރާ ފަދަ އިޤްތިޞާދު ސިންދަފާތުކުރުމަށް އަމާޒުހިފިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ކަންޓްރީ ޕާރޓްނަރޝިޕް ސްޓެރެޓަޖީގެ ދަށުން ރާއްޖެއާއެކު މަސައްކަތްކުރާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މިހާތަނަށް ކުރެވެމުންދާ ކަންތައްތައް ދެނެގަތުމާއި، ޢިޤްތިޞާދާ ވިޔަފާރިޔާ ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ދާއިރާތަކުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.