logo
banner image

ކުނި މެނޭޖްކުރުމުގެ ތަމްރީނަކަށް 7 ރަށެއްގެ 14 ބައިވެރިން އިންޑިއާއަށް

ކުނި މެނޭޖްކުރުމުގެ ތަމްރީނަކަށް 7 ރަށެއްގެ 14 ބައިވެރިން އިންޑިއާގެ ނިއު ދެއްލީއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނސްޓްރީގައި މިއަދު ހެނދުނު ގްރީން ބިލްޑިން އިމާރާތުގައި ޒޯން 4 އަދި 5 ގެ ކައުންސިލު މުވައްޒަފުންނަށް ހާއްސަ އޮރިއެންޓޭޝަން ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުންނާއި ވޭސްޓް ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލްއާއި އެހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އޮރިއެންޓޭޝަން ބައްދަލުވުމަކީ އޮގަސްޓް 27 އިން 30 ގެ ނިޔަލަށް ބާއްވާ ޓެކްނިކަލް ތަމްރީނެއްގެ ބައިވެރިންނަށް ހާއްސަކޮށް ބޭއްވި ބައްދަލުވުމެކެވެ.އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ބާއްވާ އެ ތަމްރީންގައި ވޭސްޓް މެނޭޖްމެންޓް ސިސްޓަމްތަކާއި ގުޅޭގޮތުން ތަމްރީން ދެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ. މި ތަމްރީން ދިނުމަށް ހަމަޖެހިފައިވަނީ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒް އިން ނެވެ.

ފ. މަގޫދޫ، ފ. ނިލަންދޫ، މ. ކޮޅުފުށި، މ. މުލައް، ތ. ކިނބިދޫ އަދި ތ. ތިމަރަފުށިން ޖުމްލަ 14 ފަރާތެއް ތަމްރީންގައި ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.

މިއީ 4 ދުވަހުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ވޭސްޓް ޕްރޮސެސިން ޕްލާންޓް ތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ތަމްރީން ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވާރަމެންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.