logo
banner image

އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާ ހަވާލުކޮށް " 4ލޭން ޑީޓުއަރ ލިންކް ރޯޑު" ރަސްމީކޮށް އިފުތިތާހުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާ ދިވެހި ސަރުކާރާއި ހަވާލުކުރުމާއި އައްޑޫ ސިޓީގައި ކުރިއަށްދާ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ " 4ލޭން ޑީޓުއަރ ލިންކް ރޯޑު" ރަސްމީކޮށް 11 އޮގަސްޓް 2024 ވީ އާދިއްތަ ދުވަހު އިފުތިތާހުކޮށްފިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް އޮފް އިންޑިއާ ޑރ.އެސް.ޖެއިޝަންކަރް, މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މޫސާ ޒަމީރު, މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްޠަލިބް އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވައިރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ.މީގެއިތުރުން އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު, އައްޑޫ ސިޓީގެ ކައުންސިލަރުންނާއި އިންޑިއާ ހައިކޮމިޝަންގެ ސީނިއަރ އޮފިޝަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އައްޑޫ ހައި ސްކޫލްގަ ބޭއްވި ރަސްމިއްޔާތަށްފަހު , " 4ލޭން ޑީޓުއަރ ލިންކް ރޯޑު" ހިމެނޭ ސަރަޙައްދުގައި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް އޮފް އިންޑިއާ ޑރ.އެސް.ޖެއިޝަންކަރް , މިނިސްޓަރ މޫސާ ޒަމީރު އަދި މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބް ވަނީ މަޝްރޫޢުގެ ޕްލާކް ހުޅުވާދެއްވާފައެވެ.

އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ޖުމްލަ 184.3 ހެކްޓަރުގެ ބިން ހިއްކާފައި ވެއެވެ. މިގޮތުން، ހިތަދޫގެ 2 ސަރަޙައްދެއް ހިމެނޭހެން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫ-ފޭދުގައި 76 ހެކްޓަރު، އައްޑޫ ޑީޓުއަރ ލިންކްގެ އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރު، އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން 8.3 ހެކްޓަރުގެ 3 ރަށެއް ވަނީ ހިއްކާފައެވެ.

މީގެ އިތުރުން، ހިއްކާފައިވާ ސަރަޙައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ހިތަދޫ، މަރަދޫ ، މަރަދޫ-ފޭދޫ އަދި " 4ލޭން ޑީޓުއަރ ލިންކް ރޯޑު" ހިމެނޭ ސަރަޙައްދުގައި ޖުމްލަ 7 ކިލޯމީޓަރުގެ ބޮޑު ހިލަ ވަނީ ޖައްސާފައެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ހިއްކާފައިވާ 3 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖުމްލަ 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށިލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ތެރެއިން ހިތަދޫ ޒޯން 2 ގައި ތަރައްޤީ ކުރެވިފައިވާ ބީޗަކީ ރާއްޖޭގައި މިހާތަނަށް ތަރައްގީ ކުރެވުނު އެންމެ ދިގު އާޓިފިޝަލް ބީޗެވެ.

އައްޑޫ ސިޓީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އިތުރުން ރަސްމީކޮށް އިފްތިތާޙު ކުރެވޭ " 4ލޭން ޑީޓުއަރ ލިންކް ރޯޑު" އަކީ އައްޑޫސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ކައިރިން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫއާއި ގުޅާލުމަށްޓަކައި ތަރައްޤީ ކުރެވުނު 1.463 ކިލޯމީޓަރުގެ މަގެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެއެވެ.