logo
banner image

އިންޑިއާގެ އެގްޒިމް ބެންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމައި އިންޑިއާ ސަރުކާރުން އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިޔަ 34 ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމައި އިންޑިޔާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރާ މިއަދު ޙަވާލުކޮށްފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހިޒް އެކްސެލެންސީ ޑރ.މުޙަމަދު މުޢިއްޒުގެ ހާޒިރުގައި, އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އޮފް އިންޑިއާ, ހިޒް އެކްސެލެންސީ ޑރ.އެސް.ޖެއިޝަންކަރްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް, ހިޒް އެކްސެލެންސީ މޫސާ ޒަމީރުއަށް ޕްރޮޖެކްޓް ނިންމާ ޤާއިމް ކުރުމުގެ ޓޯކަން ހަވާލުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ މުނޫ މަހާވަރް ,މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އޮފް އިންފްރާޓްރަކްޗަރ ޑރ.ޢަބްދުالله މުއްޠަލިބް, ކެބިނެޓް މިނިސްޓަރުން އަދި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންވަނީ ބައިވެރިވަޑައިގެންފައެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 21 ރަށުގެ ފެނުގެ ނިޒާމާއި، 02 ރަށެއްގެ ނަރުދަމާ ނިޒާމް އަދި 05 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމެވެ. މި މަޝްރޫޢުތަކަކީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކާއި ދެމެދު 18 މާރިޗް 2019 ގައި ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެގްރީމަންޓުގެ ދަށުން ޚަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢުތަކެކެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢު ތަކުގައި ސޮއިކޮށްފައިވަނީ 17 މާރިޗް 2021 ގައެވެ. މިގޮތުން ޙަވާލުކުރެވުނު 34 ރަށުގެ ޖުމްލަ ކޮންޓްރެކްޓް އަގަކީ ގާތްގަނޑަކަށް 110 މިލިއަން ޔޫ.އެސް.ޑޮލަރު (ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) މި މަޝްރޫޢުތަކުގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ އިންޑިއާގެ 04 ކުންފުންޏަކަށެވެ. އެއީ ވިޝްވަރާޖް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް، ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް (މިހާރު ކަލްޕަޓްރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް) ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް އަދި ޓްރީވެނީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ.

މި މަޝްރޫޢުތަކުގެ ދަށުން ނިންމާފައިވާ ފެނުގެ ނިޒާމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، ރަށުގެ މީހުން އުޅޭ ސަރަޙައްދުގައި ފެނުގެ ނެޓްވަރކް އެޅުމާއި، ގޭގެއަށް ފެން މީޓަރު ގުޅައިދިނުމާއި، ބްރައިން އައުޓްފޯލް އެޅުން އަދި އިދާރީ އޮފީސް ޤާއިމްކުރުމުގެ މަސައްކަތެވެ. އަދި މީގެ އިތުރުން ފެނުގެ ނިޒާމް ހިންގުމަށް ބޭނުންވާ ކަރަންޓުގެ ބައެއް އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ގޮތުން އިދާރީ އޮފީހުގެ ފުރާޅުގައި ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ ދަށުން ނިންމާފައިވާ ނަރުދަމާ ނިޒާމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަރުދަމާގެ ނެޓްވަރކް އެޅުމާއި، ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި، ހައުސް ކަނެކްޝަން ގުޅައިދިނުން އަދި ސީ އައުޓްފޯލް އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫޢަތަކަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެކުލަވައިލާފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުތައް އަމާޒުކޮށްފައިވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިފައިނުވާ ދިވެހިރާއްޖޭގެ އާބާދީގެ ތެރެއިން 32,773 މީހުންނަށެވެ. މިއަދު ރަސްމީކޮށް ޙަވާލުކުރެވުނު 28 ވަސީލަތާއެކު، އަމާޒު ކުރެވުނު އާބާދީގެ ތެރެއިން 28,298 މީހުންނަށް މި ޚިދުމަތް މިހާރު ލިބެމުންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ މުޅި އާބާދީގެ 7 އިންސައްތައެވެ.