logo
banner image

ތިމާވެށި ރައްކާތެރިކުރުމަށް ރައީސް ޑރ.މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތުން، ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން އިއަރ މާރކް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 156 ހަފުތާގެ ކާމިޔާބީތަކުގެ ތެރެއިން، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ދާއިރާއަށް ކުރިން އެއްވެސް ސަރުކާރަކުން ނުދޭ ފަދަ ހާއްސަ އަހަންމިއްޔަތެއް ދެއްވާފައިވާކަން ފާހަގަކުރެވިއްޖެއެވެ.

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ވަނީ "އެންވަޔަރަމަންޓް ކޮންސަވޭޝަން އެންޑް ޕްރޮޓެކްޝަން" އަށް ހާއްސަކޮށް އިއަރ މާރކް ކުރައްވާފައެވެ.

މި ނިންމުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ދާއިމީ އަދި ޔަގީންކަން ލިބިގެންވާ ގޮތެއްގައި ބަޖެޓެއް ކަނޑައެޅިގެންދިޔަ ފުރަތަމަ ފަހަރުކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، މުރަކައިގެ ފަރުތައް ރައްކާތެރިކުރުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމާއެކު، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ވަރަށް މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވަމުން، މި ނިންމުމަކީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިއްމު ކަމެއްކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ އިއަރ މާރކް ކުރުމުގެ ސަބަބުން، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށާއި، ރަށްރަށުގެ ކައުންސިލްތަކަށް ވެސް ރަށްފުށުގެ ފެންވަރުގައި ތިމާވެށީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ފިޔަވަޅަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.