logo
banner image

އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ދިވެހީންގެ ޤައުމީ އައިޑެންޓިޓީ ހިފެހެއްޓެވުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި މުޖުތަމަޢުން ނެތެމުންދާ ރީތި އަދަބު އަޚްލާޤާއި އާދަތައް ދިރުވައި އާލާކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަދަބު އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މާފަންނު ސިންތެޓިކް ޓްރެކްގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި އޯޕަނިންގ އެކްޓަށްފަހު މި މަޝްރޫޢާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަޒީރު ހީނާ ވަލީދު ވަނީ ހުށަހަޅުއްވައިދެއްވާފައެވެ. އެއަށްފަހު މި މަޝްރޫޢޫ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި މި މަޝްރޫޢުގެ މުހިންމުކަމާއި މިފަދަ މަޝްރޫޢެއް ހިންގަންޖެހުނު ސަބަބާ ބެހޭގޮތުން ޤައުމާއި މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޤައުމީ ސަލާމުންނެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމެވެ.

އިޙުތިރާމް އަދާކުރުމުގެ ކެމްޕެއިން ވެގެންދާނީ، ރާއްޖޭގެ ކުދިބޮޑު އެންމެން، ހުރިހާ ދާއިރާއެއްގެ ފަންނުވެރިންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ތަފާތު ހަރަކާތަކަށެވެ. އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.

ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ. އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމާ ހަމައަށް އައިސްފައިއޮތްކަމަށާއި، ނަމަވެސް ސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.