logo
banner image
ޚާރިޖީ ވުޒާރާ

އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފާއި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން ޑިޕްލޮމެޓިކް ކޯގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ގަސް އިންދުން ކުރިއަށްދިޔައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފް ކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާ ލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު އެހީއަށްޓަކައި ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ގައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު މިމަހު ފާހަގަކޮށް ނިމުނުއިރު، ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށާއި، ކުރިއަށް ރޭވިފައިވާެ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އަލިއަޅުއްވާލެއްވިއެވެ.