އިލެކްޓްރިކް އުޅަނދުފަހަރާ ގުޅޭ ތަޖުރިބާ ހޯދުމުގެ ދަތުރެއް ތައިލެންޑުގައި ކާމިޔާބުކަމާއެކު ނިންމާލައިފި
ޖީ.އީ.އެފް-7 "އިންޓަރގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން، އިލެކްޓްރިކް އުޅަނދުފަހަރާ (އީ.ވީ) ގުޅޭ ތަޖުރިބާ ހޯދުމުގެ ޚާއްސަ ދަތުރެއް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 30 އަށް ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދަތުރަކީ ތައިލެންޑުގެ އޮފީސް އޮފް ޓްރާންސްޕޯޓް އެންޑް ޓްރެފިކް ޕޮލިސީ އެންޑް ޕްލޭނިންގ (އޯ.ޓީ.ޕީ) އަދި އިލެކްޓްރިކް ވެހިކަލް އެސޯސިއޭޝަން އޮފް ތައިލެންޑް (އީ.ވީ.އޭ.ޓީ) އާ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ދަތުރުގައި ތައިލެންޑުގެ އިލެކްޓްރިކް ދަތުރުފަތުރުގެ ސިޔާސަތުތަކާއި، އެ ގައުމުގައި ބޭނުންކުރަމުންދާ ޒަމާނީ ޓެކްނޮލޮޖީގެ އިތުރުން، އެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މި ދަތުރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިލެކްޓްރިކް އުޅަނދު ރާއްޖެއަށް ތައާރަފުކުރުމާއި، މިފަދަ އުޅަނދުތައް އުފެއްދުމާއި، ރައްކާތެރިކަމާއެކު ޗާޖުކުރާނެ ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުންނެވެ. އަދި ހަމައެއާއެކު، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި ބެޓެރީ މެނޭޖްކުރުމާ ގުޅޭ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މައްޗަށްވެސް ވަނީ ފުޅާ ދާއިރާއެއްގައި ބަލައިލާފައެވެ.
ތަޖުރިބާ ހޯދުމުގެ މި ދަތުރުގެ ތެރެއިން ބައިވެރިން ވަނީ އީ.ވީ އުފައްދާ ދެ ކާރުޚާނާއެއް ކަމަށްވާ "ޑެކޯ ގްރީން އެނާޖީ" އަދި "އެސް.އޭ.އައި.ސީ މޮޓޯ-ސީޕީ (އެމް.ޖީ)" އަށް ޒިޔާރަތްކޮށް، އުޅަނދު އުފެއްދުމުގެ އަމަލީ މަސައްކަތްތައް ބަލައިލާފައެވެ. މީގެ އިތުރުން، ކިންގް މޮންގްކުޓްސް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ތޮންބުރީ (ކޭ.އެމް.ޔޫ.ޓީ.ޓީ) އާއި އެސަމްޕްޝަން ޔުނިވަރސިޓީ (އޭ.ބީ.އޭ.ސީ) ފަދަ ފަންނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށާއި، "ޕީ.ޓީ.ޓީ އީ.ވީ ސްޓޭޝަން ޕްލަޒް" ގެ ޗާޖިންގ ނިޒާމުގެ އިތުރުން، ތައިލެންޑުގެ ގައުމީ އޮޓޯމޯޓިވް ބެޓެރީ ޓެސްޓިންގ ސެންޓަރަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ މަސައްކަތްތައް ހިނގާގޮތުގެ މައުލޫމާތު ވަނީ އޮޅުންފިލުވާފައެވެ.

މި ދަތުރުން ލިބިގެންދިޔަ އަގުހުރި އިލްމާއި ތަޖުރިބާގެ އަލީގައި، ދިވެހިރާއްޖޭގައި އިލެކްޓްރިކް ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެއެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި، ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މަދު ދަތުރުފަތުރުގެ ދެމެހެއްޓެނިވި ނިޒާމަކަށް ރާއްޖެ ރުޖޫއަވުމަށް ކުރެވެމުންދާ ގައުމީ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.
