logo
banner image

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އާއިޝަތު މުޒްނާއެވެ.

މި މަޝްރޫޢަކީ ފީވަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން ޖުމްލަ 3,822,120 (ތިން މިލިއަން އަށްލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި) ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައެވެ.

މި އެއްބަސްވުމުގެ ދަށުން ފީވަކުގެ ނަރުދަމާ ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެ ނިޒާމު އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ އެންމެހައި މަސައްކަތްތައް ސްޓެލްކޯއިން ކުރިއަށް ގެންދާނެއެވެ. މިއީ ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ..