logo
banner image

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް މީރާގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުންދެއްވާނެކަމަށް ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެއްޖެ.

ސަރުކާރުން ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވެއްޖެއެވެ.

އަމީޒާ މިހެން ވިދާޅުވީ، މި މަޝްރޫޢު ތަޢާރަފުކޮށް މަޢުލޫމާތު ދިނުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ކަމާބެހޭ ޓީމުން މީރާގެ އިސްވެރިންނާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ.

ކަމިޝަނަރ ޖެނެރަލް ވަނީ އިޙްތިރާމްކުރުމުގެ މުޙިއްމުކަން ފާހަގަކުރައްވާ، ސަރުކާރުން ފަށާފައިވާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތް ބަލައިގަންނަކަމަށް ވިދާޅުވެފައެވެ. އަދި މިމަސައްކަތުގައި އެއިދާރާގެ ކެޕޭސިޓީއާއެއްވަރަށް އެއްބާރުލުންދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިވުޒާރާއިން ވަނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދާއި، ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މައިގަނޑު ހަރަކާތްތަކުގެ އިތުރުން، އެކި މުއައްސަސާތަކާއި މުވައްޒަފުން މި ޤައުމީ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ޙިއްޞާކޮށްފައެވެ.

މިގޮތުން މީރާގެ ފަރާތުން އިޙްތިރާމް އަދާކުރުމުގެ މަޝްރޫޢަށް ޚާއްސަ އެމްބެސެޑަރއެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، ސޯޝަލް މީޑިއާގައި މިމަޝްރޫޢު ޕްރޮމޯޓްކުރުމުގެ މަސައްކަތުގެ އިތުރުން އެއިދާރާގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ޚާއްޞަ ވަޢުދުފުޅެކެވެ.

5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ ތަހުޒީބު މުޖުތަމަޢު" އެވެ.