logo
banner image

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް އެފްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ރަޒާން

ސަރުކާރުން ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޒާން ވިދާޅުވެއްޖެއެވެ.

ރަޒާން މިހެން ވިދާޅުވީ، މި މަޝްރޫޢު ތަޢާރަފުކޮށް މަޢުލޫމާތު ދިނުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަދި މަޝްރޫޢުގެ ޓީމުން އެފްޑީސީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޒާން ވިދާޅުވީ، މި ޤައުމީ މަޝްރޫޢާ ގުޅޭ ފުރިހަމަ މަޢުލޫމާތު އެކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މަޝްރޫޢުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ވެސް އެ ކުންފުނިން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަނީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދާއި، ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މައިގަނޑު ހަރަކާތްތަކުގެ އިތުރުން، އެކި މުއައްސަސާތަކާއި މުވައްޒަފުން މި ޤައުމީ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ޙިއްޞާކޮށްފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ޚާއްޞަ ވަޢުދުފުޅެކެވެ.