ދެ އަހަރު ތެރޭގައި ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފައިފި: މިނިސްޓަރ
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރު ހުރި 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން ޑޮލަރަށް މަތިކުރުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށް މި މަހުގެ 22 ވަނަ ދުވަހު އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެވެ. މި އަމާޒަކީ ދެ ޤައުމުގެ އިސްވެރިންގެ މި ދަތުރުފުޅުގެ ތެރެއިން ކަނޑައެޅުއްވި އަމާޒެއް ކަމަށާއި، މީގެއިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އޮތް އަޒުމް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފޯރަމްގެ ބައިވެރިންނަށް މަރުޙަބާ ވިދާޅުވަމުން، ޕާކިސްތާނު ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހުމާންދާރީއަށާއި ދެއްވާ އެއްބާރުލުމަށް މިނިސްޓަރ ސަޢީދު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެވަޑައިގަތުމަކީ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް ދެބޭފުޅުން ދެއްވާ އިސްކަން ހާމަވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަނޑައެޅިފައިވާ ވިޔަފާރީގެ އަމާޒަށް ވާޞިލްވުމަށްޓަކައި ޕާކިސްތާނާއެކު ގާތުން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮތްކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. މި ފޯރަމްގެ ތެރެއިން ހުށަހެޅޭ ޕްރެޒެންޓޭޝަންތަކާއި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، މުހިންމު ދާއިރާތަކާއި، އަދި އަލަށް އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ލިބިފައިވާ މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި، ދެފަރާތަށް ފައިދާހުރި ދާއިރާތައް ދެނެގަނެ، ބަދަހި ގުޅުންތަކެއް އުފެއްދުމަށް މިނިސްޓަރ ސަޢީދު ބާރުއެޅުއްވިއެވެ.
