ދިވެހިރާއްޖެއިން ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ބަންޑަރް ސެރީ ބޭގަވަން، 19 އޮކްޓޯބަރ 2026
ދިވެހިރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބުރުނާއީ ގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާ އިބްނި އަލް-މަރްޙޫމް ސުލްޠާން ޙާޖީ އޮމަރ އަލީ ސައިފުއްދީން ސަ'އާދުލް ޚައިރީ ވައްދީން، އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އިސްތާނާ ނޫރުލް އީމާން ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު ޑރ.މަރިޔަމް ޝަބީނާ އަހުމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
މިބައްދަލުވުމުގައި، ރަސްގެފާނުގެ ވާހަކަފުޅުގައި އެކަމަނާ އަށް މަރުހަބާ ދަންނަވައި ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ކުރެވޭ މަސައްކަތުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަނާއަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ.
ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ، ދިވެހިރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައިވާ ނޮން ރެޒިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމަށް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބުރުނާއިގެ ރަސްގެފާނަށް އަރުވާފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އިން ބުރުނާއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލާ ފާތިމަތު ޝަބާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު އަކީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެއެވެ.
-1792482013447.webp)