17 އޮކްޓޯބަރ 2026
މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ބާއްވާ ދިވެހި ސަގާފީ ކުޅިވަރު "ބައިބަލާ" މުބާރާތްކަމަށްވާ "މެލޭޝިޔާ ބައިބަލާ ޗެލެންޖް 2026" މިއަދު އިފްތިތާހު ކުރެވިއްޖެއެވެ.
ދެ ދުވަހަށް ދެމިގެންދާ މި މުބާރާތް އިފްތިތާހުކޮށްދެއްވީ މެލޭޝިޔާގެ ޕާލިސްގެ ރާޖާ މުދާ، ހިޒް ރޯޔަލް ހައިނަސް ތުއަންކު ސައްޔިދު ފާއިޒުއްދީން ޕުތުރާ އިބްނި ތުއަންކު ސައްޔިދު ސިރާޖުއްދީން ޖަމާލުއްލައިލްއެވެ.
މި ރަސްމިއްޔާތުގައި މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ، ޑރ. މަރްޔަމް ޝަބީނާ އަހްމަދު ބައިވެރިވެވަޑައިގަތެވެ. ކުޅުންތެރިންނާ މުޚާތަބްކުރައްވައި އެ ކަމަނާ ވިދާޅުވީ ބައިބަލާއަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ، ސަގާފީ ތަރިކައާ ވަރަށް ބޮޑަށް ގުޅިފައިވާ ކުޅިވަރެއްކަމުގައެވެ. އަދި މި ކުޅިވަރަކީ ސަރަހައްދީ ގޮތުން ކަބަޑީއާ އެއްގޮތް ސިފަތަކެއް ހުންނަ ކުޅިވަރެއް ނަމަވެސް، ބައިބަލާއަށް ޚާއްޞަ އަމިއްލަވަންތަކަމެއް ލިބިގެންވާކަމަށެވެ.
މިއީ ދެ ޓީމުގެ ދެމެދުގައި ކުޅެވޭ، ހަލުވިކަމާއި، ހަށިގަނޑުގެ ވަރުގަދަކަމާއި، ހުށިޔާރުކަމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށްދޭ ފޯރިގަދަ ކުޅިވަރެއް ކަމަށާއި ކުރީޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ ދޮންވެލި ގޮނޑުދޮށްތަކުގައި ކުޅެވުނު މި ކުޅިވަރަކީ، ކާބަފައިންގެ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ބައިބަލާއަކީ އެކުވެރިކަމާއި، ވާދަވެރިކަމާއި އަދި ކުޅިވަރުގެ އަޚްލާޤާއި، އެއްބައިވަންތަކަމުގެ ތެރެއިން މީހުން ގުޅުވައިދޭ މުހިންމު ކުޅިވަރެއްކަމުގައިވެސް އެ ކަމާނާ ފާހަގަކުރެއްވިއެވެ.
މުބަރާތް އިންތިޒާމްކުރީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވްސް (މަދީ) އާއި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ބައިބަލާ އެސޯސިއޭޝަން އަދި މެލޭޝިޔާގައި ހުންނަ ދިވެހިރައްޖޭގެ ހައި ކޮމިޝަންގެ ދަށުން ޤާއިމްކުރެވިފައިވާ 'މޯލްޑިވްސް ކަލްޗަރަލް ސެންޓަރ'އާ ގުޅިގެންނެވެ.
މި މުބާރާތަކީ، ރާއްޖޭގެ ސަގާފީ ކުޅިވަރުތައް ބޭރު ގައުމުތަކަށް ތަޢާރަފްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފަދަ ހަރަކާތްތަކުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ކުޅިވަރު ކުރިއަރުވައި، މުޖުތަމައުގެ ގުޅުން ބަދަހިކުރުމާއި،
ސަގާފީ ގޮތުން އެއް ޤައުމާ އަނެއް ޤައުމާ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ކުރުމެވެ.
މެލޭޝިޔާގައި ހުންނަ 'މޯލްޑިވްސް ކަލްޗަރަލް ސެންޓަރ'އަކީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތަކުގެ ޒަރީއާއިން ދިވެހި ސަގާފަތާއި ތަރިކަ ދަމަހައްޓައި، ކުރިއެރުވުމަށް މަސައްކަތްކުރާ ސެންޓަރެކެވެ. މީގެ އިތުރުން، ކަލްޗަރަލް ޑިޕްލޮމެސީގެ ދަށުން ދިވެހިރާއްޖޭގެ ސަގާފަތާއި، އިސްލާމީ ރިވެތި އާދަކާދަތައް ބޭރު ޤައުމުތަކަށް ތަޢާރަފްކުރުމަށް މި ސެންޓަރުން މަސައްކަތް ކުރެއެވެ.
މި މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދުޅަހެޔޮ ޖީލެއް އެންމެން އެކުގައި - ހަށިހެޔޮ ރާއްޖެ" ޝިޔާރުގެ ދަށުން ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމުގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެކެވެ.
މި މުބާރާތުގައި 5 ޓީމް ބައިވެރިވިއެވެ. މީގެ ތެރޭގައި މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންވެސް ހިމެނެއެވެ. މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީއާއި ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު މި މުބާރާތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
