logo
banner image
ޚާރިޖީ ވުޒާރާ

ފަލަސްތީނުގެ މައްސަލައިގައި ދިވެހި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ މަސްރަހަށް ރިޢާޔަތްކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ޙާރިޖީ ވަޒީރު އިރުތިޝާމް ގޮވާލައްވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން އިރާޤުގެ ބަޤްދާދުގައި މިއަދު ބޭއްވި ޙާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވައިފިއެވެ.

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ތަޤްރީރުގައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހާއްސަކޮއް އިސްލާމީ އުއްމަތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި މައްސަލަތަކުގައި ސުލްހަ ގާއިމްކުރުމަށްޓަކައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް މަޝްވަރާތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށާއި ސުލަހައަށް، މުޖުތަމަޢުއެއްގެ ހުރިހާ ބައިތަކެއް ޝާމިލްކުރުމުގެ މުހިންމުކަމަށް ބާރުއަޅުވާލައްވާ، ދިވެހި ސަރުކާރުން މިކަން ހާސިލްކުރުމަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއިން އޯ.އައި.ސީ. އާ ގުޅުނުތާ 50 އަހަރު ފުރުނު އަހަރަށް ވުމާއެކު، ދިވެހިރާއްޖެއިން އޯ. އައި. ސީ. އަދި މެންބަރު ގައުމުތަކާއެކު އިސްލާމީ އުއްމަތުގެ މަސްލަހަތު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައިވެސް ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމުގެ ޔަޤީންކަން ޙާރިޖީ ވަޒީރު އިރުތިޝާމް ދެއްވިއެވެ. އަދި މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވަނީ އެކި އޯ.އައި.ސީ. މެންބަރު ޤައުމުތަކުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މި ޤައުމުތަކާއި ދިވެހިރާއްޖެއާ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތުކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރުއްވިއެވެ.

ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.