ޕީ.އެން.ސީ.އަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކި ކުރެއްވި ކަމަށް ވިދާޅުވެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރާއި ގުޅޭ
ޕީ.އެން.ސީ.އަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކި ކުރެއްވި ކަމަށް ވިދާޅުވެ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި ޚަބަރަކީ ހަޤީގަތާ ޚިލާފު ޚަބަރެއް ކަމުގައި ދެންނެވީމެވެ.
ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނު (ޤާނޫނު ނަންބަރު 20/2021) ގެ ދަށުން، ވަކި އުޞޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެކެވެ. އެގޮތުގެ މަތީން، ސަފީރުން ވަކި ކުރުމުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވަމުންދާނެއެވެ.
އިސްވެ ދެންނެވުނު ޚަބަރުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ފަރާތެކެވެ. އަދި ސަފީރެއްގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ 30 އޮކްޓޯބަރ 2024 ގައެވެ.
އަދި ދަންނަވަމެވެ. ފޮރިން ސާރވިސްގެ މުވައްޒަފުންނަށް ފޮރިން ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެއެވެ. އެގޮތުގެ މަތީން، ފޮރިން ސާރވިސްގެ މުވައްޒަފުން ޤާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރެއް ކޮށްފައެއް ނުވާނެއެވެ. ވީމާ، ޚާރިޖީ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.
-1770366436954.webp)