ރިޕަބްލިކް އޮފް ކޮރެއާ ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ރިޕަބްލިކް އޮފް ކޮރެއާ ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޗޯ ހޭއުން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ރިޕަބްލިކް އޮފް ކޮރެއާ ގެ ޤައުމީ ދަވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ރިޕަބްލިކް އޮފް ކޮރެއާ ގެ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާ ދެމެދު، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ، ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއިން އޭގެ އަގުވަޒަންކުރާ ގުޅުމެކެވެ. އަދި ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދު ކުރަމެވެ.
ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާ ދެމެދުގައިވާ އެކުވެރި އަދި ގާތްގުޅުން އިތުރަށް ފަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ގެނެސްދޭނެ ކަމާމެދު ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ ޤަދަރު އާކޮށް އެކަން ޔަޤީންކޮށް އަރުވާ، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކާއި ކާމިޔާބީއަށް އެދެމެވެ."
