ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިމަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިއުލާނުގައިވެއެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި ބީލަމަށް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓްރީގެGC01 ގެ ގްރޭޑް 6, 5, 4, 3, 2, 1 ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 864,000.00 ރ (އަށް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް -/1,500 ރުފިޔާ (އެއް ހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 24 ސެޕްޓެންބަރު 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ 25 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00:00 ގެ ކުރިން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ބީލަމާއި ގުޅޭ އިތުރު މައުލޫމާތު މި (ލިންކް) އިން ފެނިވަޑައިގަންނަވާނެއެވެ.
އިއުލާނު ނަންބަރު: (IUL)13-K/13/2026/192