ނިކަރާގުއާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ނިކަރާގުއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލެންސީ ވަލްޑްރެކް ލުޑްވިންގް ހައިސްޓްކެ ވައިޓެކަރ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ނިކަރާގުއާގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.
ދިވެހިރާއްޖެއާއި ނިކަރާގުއާގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި ދެމިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
