“އިސްލާމީ ނޫރުގައި ނުވަ ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ” މި ޝިޢާރު އިފްތިތާޙް ކޮށްދެއްވައިފި.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ދުވަހާ ގުޅޭ ޚާއްސަ ޝިޢާރު، “އިސްލާމީ ނޫރުގައި ނުވަ ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ” އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ޝިޢާރު އިފްތިތާޙްކޮށްދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ދުވަހާ ގުޅޭ ޝިޢާރުގެ އިތުރުން ރަސްމީ ލޯގޯވެސް ވަނީ ރަސްމީކޮށް ނެރެދެއްވާފައެވެ. ލޯގޯއާއި ޝިޢާރު ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ފަހު ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމަކީ ލިބޭނެ އެންމެ ބޮޑު ނަސީބު ކަމަށެވެ. އަދި ހިޖުރީގޮތުން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމަކީ ދިވެހީންގެ ފަޚުރެއް ކަމުގައްޔާއި ނަސީބުވެރި އުފާކަމުގައި ވެސް ރައީސުލްޖުމްހޫއްރިއްޔާ ސިފަކުރެއްވިއެވެ.
“އިސްލާމްދީން، ދިވެހީންގެ ފަރުދީ ހަޔާތަށް، އިޖުތިމާޢީ ޙަޔާތަށް ސިޔާސީ އަދި ޤައުމީ ޙަޔާތަށް ގެނެސްދިން ރައްކާތެރިކަމާއި އުންމީދާއި އުފާވެރިކަމަކީ، އަޅުގަނޑުމެން ދަންނަން ޖެހޭނެ އަދި އަޅުގަނޑުމެންގެ ދަރީންނަށް ފޯރުވައިދޭން ޖެހޭނެ މުހިންމު ޙަޤީޤަތްތަކެއް.” ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫއްރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދީނުގެ ޝަރަފުވެރިކަން ދެމެހެއްޓުމަށް ދިވެހި ކޮންމެ ރައްޔިތެއްގެ ކިބައިން އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖެ އިސްލާމްވީތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، މިރޭ އޮތް ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ،ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބޭރުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
