logo
banner image

މާލެ ސަރަޙައްދުގައި ޒަމާނީ ޕާކިންގ ބިލްޑިންގތަކެއް އަޅަނީ: އަގުތައް ހުންނާނީ އަތްފޯރާ ފަށުގައި

މާލެއާއި ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޒަމާނީ ޕާކިންގ އިމާރާތްތަކެއް އެޅުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ. 

މި މަޝްރޫޢުތަކުގެ ތަފްޞީލު މިއަދު ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މާލޭ ހީނާމާގޭ ބިމުގައި ޒަމާނީ ފެންވަރުގެ ޕާކިންގ ވަސީލަތެއް ޤާއިމްކުރުމަށް ބަޔަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން ސޯސަންމަގުގައި ހުންނަ އެމްއެންޔޫ އިމާރާތް ކައިރީގައިވެސް ޕާކިންގ ބިލްޑިންގެއް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ސަޢީދު ޔަޤީންކަން ދެއްވި ގޮތުގައި، އަލަށް ޤާއިމްކުރެވޭ ޕާކިންގ ބިލްޑިންގތަކުން ޚިދުމަތުގެ އަގު ނަގާނީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން، އަތްފޯރާ ފަށުގައެވެ.

އަދި މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އޭގެ ތެރޭގައި ބީއެމްއެލް ކުރިމަތީގައިވާ ޕާކިންގ ޒޯނުން ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ކުޑަ އަގެއްގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. 

އަދި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، މުޅި މާލޭގެ ޓްރެފިކް ވަގުތުން ބެލެހެއްޓޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ޤާއިމްކުރުމާއި، ޕޮލިސް ވިޒިބިލިޓީ އިތުރުކުރުމަކީވެސް ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށްދާނެ ކަންކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.