ރިވެލި އެވޯޑު 2026
ރިވެލި އެވޯޑަކީ ޤާނޫނު (8/2010) އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރއގެ ފަރާތުން ދެވޭ އެވޯޑެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އެފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މި އެވޯޑަށް ކުރިމަތި ލެވޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ނިޒާމީ ގޮންޖެހުންތަކާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަމާއި، އިޖުތިމާޢީ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ބައެކެވެ. އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަފްލާއެއް ބޭއްވުމަކީ، ޘަޤާފީ އަދި ނިޒާމީ ބަދަލުތަކެއް ގެނައުމަށް ލިބޭ ނުހަނު ބޮޑު ހިއްވަރެވެކެވެ. މިފަދަ ހަފްލާތައް ބޭއްވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސާބިތުކަމާއި، ހުނަރާއި، ކުރާ ބުރަ މަސައްކަތް ބަލައިގަނެވިގެންދެއެވެ. އަދި އެކުވެރި މުޖުތަމަޢެއް ބިނާވެ، މައުލޫމާތާއި ވަސީލަތްތައް ހިއްސާކޮށް، އާ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރުމަށްވެސް މަގުފަހިވެގެންދެއެވެ.
ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ 6 ދާއިރާއަކުންނެވެ. އެއީ:
- ނުކުޅެދުންތެރިކަން ހުންނަ މީހުން (3 ފަރާތް)
- އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް) (2 ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ (1 ފަރާތް)
- ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް)
- ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި) (2 ފަރާތް)
މި އެވޯޑު ޒަރީޢާއިން، ޤައުމީ ތަރައްޤީ ޙާޞިލުކުރުމުގެ މަރުޙަލާގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް މިނިސްޓްރީން އުއްމީދުކުރެއެވެ. މީގެއިތުރުން، މުޅި ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ އަދި ޤައުމުގެ އުފެއްދުންތެރިކަމުގައި ޙިއްޞާވާ ބަޔަކަށް ހެދުމަކީވެސް މި އެވޯޑުގެ މައިގަނޑު އެއް މަޤުސަދެވެ.
2026 ވަނަ އަހަރުގެ ރިވެލި އެވޯޑު ދިނުމުގެ ޙަފްލާ ބޭއްވުމަށް ގަސްތުކޮށްފައިވަނީ މި އަހަރުގެ ނުވެމްބަރު މަހުގެ ތެރޭގައެވެ. މި އެވޯޑަށް ކުރިމަތިލުމަށް ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ 17 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ފަސްކޮށްފައެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އޯގާތެރި އަދި އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ނުހަނު މުހިއްމު ބިނާކުރަނިވި ފިޔަވަޅެކެވެ.
